ޚަބަރު
ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫއުގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމާއި، މަގުގެ ދުވާރުގެ މަސައްކަތާއި، ގްރީން އޭރިއާގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން އަދި ސާރވިސް ލައިން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި އަދި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 30.46 މިލިއަން ރުފިޔާއަށެވެ.
ހޯރަފުށީ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީއެވެ. އެ މަޝްރޫއުގެ ކުރިން އެ ރަށުގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ، ވާރޭ ވެހިއްޖެނަމަ ފެން ހިންދަން ގިނަ ދުވަސް ހޭދަވުމެވެ. މީގެ އިތުރުން މަގުތައް އަޑިގުޑަންކޮށް ހުރުން ވެގެންދިޔައީ ވަރަށް ބޮޑު އުނދަގޫ ކަމަކަށެވެ.
މަގު ހެދުމުގެ ފުރަތަމަ ފިޔަވައްސާއެކު މިކަމަށް ބޮޑު ހައްލެއް ލިބުނުއިރު، މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނީ ދެވަނަ ފިޔަވައްސާއެކުކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.
މަގު ހެދުމުގެ އިތުރުން ހޯރަފުށީގައި ގިނަ މަޝްރޫއުތަކެއް ވަނީ އެމްޓީސީސީއިން ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، ހޯރަފުށި އެއާޕޯޓު މަޝްރޫއު އަދި ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެއެވެ.