ޚަބަރު
ތިނަދޫ ސިޓީ މޭޔަރާއި ނައިބު ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅުއަޅަނީ

ތިނަދޫ ސިޓީ ކައުންސިލްގެ އޮފީސް
ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ 3 މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ. މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި، ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު ޖުމްލަ 19 މައްސަލައެއް ބަލާފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ.
އިންކުއަރީގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދިނުމާއި، ރައްވެހިކަން ބަދަލުކުރުމަށް 5،000 ރުފިޔާގެ ފީއެއް ނެގުމާއި، އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، މާލީ ވުޒާރާގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއަށް އެލަވަންސް ދިނުމާއި، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުންވެސް ހިމެނެއެވެ.
އެލްޖީއޭއިން ފާހަގަކުރި އިތުރު މައްސަލަތަކުގެ ތެރޭގައި، ސަރުކާރުގެ ހައުސިންގ ސިޔާސަތުގެ ދަށުން ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ މަޝްވަރާއެއް ނެތި ހުޅުވާލުމާއި، މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރު ސައުދު ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރުން ހިމެނެއެވެ.
އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް، ސިޓީ ކައުންސިލެއް ރަސްމީކޮށް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް ނަގާފައިވާކަންވެސް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭއިން ހިންގި އިންކުއަރީއަކުން ފާހަގަކުރެވުނު ގޮތުގައި، ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދާ ޚިލާފަށް ވޭޖު އުޞޫލުން އިޢުލާން ކުރުމެއްނެތި މުވައްޒަފުން ނަގައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ޕްރޮކިއުމަންޓްތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމުގެ މަސައްކަތްވެސް ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން އެލްޖީއޭގެ ބޯޑުން ނިންމާފައިވަނީ، ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށެވެ.
މީގެ އިތުރުން ކައުންސިލްގެ އެހެން މެންބަރުންނަށްވެސް ވަނީ އެކި މިންވަރަށް ފިޔަވަޅު އަޅާފައެވެ. މިގޮތުން ކައުންސިލް މެންބަރުން އަޙްމަދު ވަހީދު، އާމިނަތު ނަސީމާ، އަޙްމީމާ އަޙްމަދު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު، އިތުރަށް ދީފައިވާ މުސާރަ 2 މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަންގާފައިވެއެވެ.
އެލްޖީއޭއިން ބުނެފައިވާ ގޮތުގައި، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މައްސަލަތައްވެސް ބަލައި، އިހުމާލުވެފައިވާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.