ޚަބަރު
ހިޔާވަހި ފައިނޭންސިންގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބީއެމްއެލް އާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއާއި އެކު ވެވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ވުޒާރާ
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއީ އިސްލާމީ އުސޫލުން 5 ޕަސެންޓް ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންގ ޕްރޮގްރާމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެއެވެ.
"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބުމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެޕްލިކޭޝަންތައް ލިބޭތާ ދެ ހަފްތާ ތެރޭގައި، އިވޭލުއޭޝަންގެ މަސައްކަތް ނިންމާ މިނިސްޓްރީއަށް ފޮނުވަން،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ ތިން ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް އަދި ފަހިމާލެ ފައިނޭންސިންގ ސްކީމެވެ. ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަދި އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ.
މާލެ ސަރަހައްދަށް ހުޅުވާލެވިފައިވާ ފުރުސަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. މި ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންގ ޕްރޮގްރާމެއް ކަމަށާއި، މީގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.