ޚަބަރު
ރާއްޖޭގައި ހިންގަން ހުއްދަދީފައިވާ ކޯސްތައް ބޭރުގައި ހިންގުމާބެހޭ އުސޫލެއް އެކުލަވާލަނީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެެ ބައްދަލުވުމެއް ކުރިއަށްދަނީ
ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ޚާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ވަނީ ފަށާފައެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތައް އެމްކިއުއޭގެ ހުއްދައަކާ ނުލައި ރާއްޖެއިން ބޭރުގައި ހިންގުމަކީ މަނާކަމެއް ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މިފަދަ ކޯސްތައް ހުއްދަ ނުހޯދައި ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިޒާނާ ވިދާޅުވީ މިފަދަ ކޯސްތައް ހިންގާ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާ ކަމަށާއި، އެކަން ނުހުއްޓައިފިނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ އެމްކިއުއޭގެ ހުއްދަ ހޯދައިގެން ކޯސްތައް ހިންގޭނެ މަގު ފަހިކޮށްދޭށް. ހުއްދަ ނުހޯދައި ކޯސްތައް ހިންގައިފިނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ. އެހެންވީމާ އަޅުގަނޑުމެން މި އުސޫލް ފަރުމާކޮށްފައި މިވަނީ އެމްކިއުއޭއިން ޤަބޫލުކުރާ ތަންތަނުގައި ކޯސް ހިންގޭނެ ގޮތަށް،" ފިޒާނާ ވިދާޅުވިއެވެ.
މީގެއިތުރުން، ސެޓްފިކެޓް ފޯޖުކުރުމުގެ މައްސަލަތައްވެސް އިތުރުވަމުންދާކަން ފިޒާނާ ފާހަގަކުރެއްވިއެވެ. މިގޮތުން މިއަހަރުގެ ތެރޭގައި އެފަދަ 5 މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާއިރު، ވޭތުވެދިޔަ އަހަރު 9 މައްސަލައެއް ހުށަހެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގައި ލަސްވަމުންދާކަން ވެސް ފިޒާނާ ފާހަގަކުރެއްވިއެވެ.
އެމްކިއުއޭއިން މިހާރު އެކުލަވާލާފައިވާ އައު އުސޫލުގެ ޑްރާފްޓް ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މި އުސޫލަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.