ޚަބަރު
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ: ވަޒީރު ނާޒިމް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިކަން ވަޒީރު ހާމަކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ނާޒިމް ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި މެޝިނަރީސް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ލެބު ހިންގައި ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ވަނީ އިއުލާންކުރެވިފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވުޒާރާއިން ވަނީ މި ލެބު ފަސް އަހަރު ދުވަހުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ވަޒީރު ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދުމަށްފަހު، އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެއެވެ. އަދި މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މާލީ ވުޒާރާއިން ދޭނެ ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބުގެ ޚިދުމަތް ގާއިމުކުރެވުމުން، އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ޚިދުމަތް ލިބުމުގައި ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.