Ads by Stelco

ޚަބަރު

ކެމްބޯޑިއާ އަދި ތަޖަކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ކެމްބޯޑިއާ އަދި ތަޖަކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ކެމްބޯޑިއާ ސަރުކާރުގެ އައު ސަފީރު، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ފޮޓޯ: ރައީސް އޮފީސް

23 ޖޫން 2025، 01:13

ކެމްބޯޑިއާ އަދި ތަޖަކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

ސަފީރުކަމުގެ މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ، ކެމްބޯޑިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ރޮތެ މާނީ އާއި، ތަޖަކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ބޮބޮކަލޮންޒޮދާ ލުކްމޮން އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ހެނދުނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ދެ ސަފީރުން ވެސް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

މި ރަސްމިއްޔާތުގައި، ކެމްބޯޑިއާގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކާމާއި، ވިޔާފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުން ހިމެނެއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި، ތަޖަކިސްތާނުގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ ސަފީރަށް މަރުޙަބާ ދަންނަވާފައެވެ. އަދި ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން،  ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމާއި، ވިޔަފާރި އާއި، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުޞަތުތައް ފުޅާކުރުމަށް ގަސްދުކުރައްވާކަމަށް ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ކެމްބޯޑިއާ އާއި ދެމެދު 21 ސެޕްޓެމްބަރު 1995 ގައި ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާއިރު، ދިވެހިރާއްޖެއާއި ތަޖަކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1993 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS