ޚަބަރު
ހިޔަލަ ވިންގު މަރާމާތުކުރުމަށް އެތަނުން ދޭ ބައެއް ޚިދުމަތްތައް ދަރުމަވަންތައަށް

ދަރުމަވަންތަ ހޮސްޕިޓަލް. ފޮޓޯ: ސަން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހިޔަލަ ވިންގުގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން އެތަނުން ދެމުން އައި ބައެއް މުހިންމު ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްއިން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ހިޔަލަ ވިންގުގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން، އެތަނުން ދެމުންދިޔަ އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ.
މީގެއިތުރުން، ވާރޑް އޭ އަދި ވާރޑް ބީގައި ހިމެނޭ ވާރޑް އަދި ކޮޓަރިތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު، ގައިނީ ތިއޭޓަރުގެ ޚިދުމަތްތައް 12 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލުތަކަކީ މަރާމާތުގެ މަސައްކަތް ނިމެންދެން ގެނެވިފައިވާ ވަގުތީ ބަދަލުތަކެކެވެ.
އިންދިރާ ގާންދީ މެެމޯރިއަލް ހޮސްޕިޓަލުގެ 11 ފަންގިފިލާގެ އިމާރާތް، (ހިޔަލަވިންގ)ގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުމަށް، އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތައްދޭ ތަން ބަދަލުވުމާ ގުޅޭ
— IGMH (@igmhmv) June 22, 2025
Regarding the relocation of services provided from… pic.twitter.com/bRhFh0ajSv
އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން، އައިޖީއެމްއެޗްއަށް 75 އެނދު އިތުރުކުރުމަށް އަޅަމުންދާ އައު އިމާރާތުގެ މަސައްކަތް ނިމި، ހުޅުވުމަށް ވަނީ ގާތްވެފައެވެ.