ޚަބަރު
ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ވަގުތީ ގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިމާރާތައް ބަދަލުކުރަނީ

ވިލިމާލެ ހޮސްޕިޓަލް
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި އަލަށް އިމާރާތްކުރާ 112 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ވިލިމާލެ ހޮސްޕިޓަލް ހިންގަމުންދާ އިމާރާތް ހުސްކުރުމަށް ނިންމައި، ހޮސްޕިޓަލްގެ މަސައްކަތްތައް ވަގުތީގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “އަމާން ހިޔާ” އަށް ބަދަލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "އަމާން ހިޔާ" ގައި ވިލިމާލޭގެ ވަގުތީ ހޮސްޕިޓަލު ހިންގުމާ ގުޅޭ އެއްބަސްވުމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ސޮއިކުރައްވާފައެވެ. މި ބަދަލާއެކު ވިލިމާލެ ހޮސްޕިޓަލް "އަމާން ހިޔާ" ގައި ހިންގަމުން ގެންދާނީ އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެންނެވެ.
ވިލިމާލޭގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލަށް ކިޔާނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެވެ.
މި މަޝްރޫއުގެ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ސޮއިކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މަޝްރޫއު އެޕްރޫވް ކުރުމަށްފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ވިދާޅުވެފައިވަނީ، ވިލިމާލޭގެ އާ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވެގެންދާނެ ކަމަށެވެ. މި ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ.
ތިލަފުށި-ވިލިމާލެ ބްރިޖުގެ މަސައްކަތް ނިމި، އެ ސަރަހައްދުގައި މީހުން އާބާދުވާން ފެށުމާއެކު ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ވިލިމާލޭގައި ހޮސްޕިޓަލެއް ހިންގަމުން ދިޔަ ނަމަވެސް، އެތަނުން ލިބެމުން ދިޔައީ ވަރަށް މަދު ޚިދުމަތްތަކެކެވެ.