ޚަބަރު
ވިނަރެސް ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާންރޯވި އެޕާޓްމެންޓް. ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ 9 ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 07:41 ގައެވެ. މަޢުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓްގައި އޮތް ގޮދަޑިއެއްގައެވެ. އަދި ފަޔަރ ފައިޓަރުންގެ އަވަސް މަސައްކަތުން ގިނަ އިރުތަކެއް ނުވަނީސް ވަނީ އަލިފާން ނިއްވާލެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ގޭގައި ބޭނުންކުރާ ކަރަންޓު ތަކެއްޗާއި އަލިފާން ރޯވެދާނެ ތަކެތި ބޭނުން ކުރުމުގައި ފަރުވާތެރިވުމަށް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.