Ads by Stelco

ޚަބަރު

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ރައީސް ސޯލިހާއި ރައީސް ނަޝީދު---

23 ޖޫން 2025، 09:21

މީގެ ތިން އަހަރު ފަހުން 2028ގައި ދިވެހިރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. 

ރައީސް ސޯލިހުގެ މި ނިންމެވުން ހާމަކުރެއްވީ ރޭ އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ބޭއްވި ބައްދަލުވުމެއްގައި، އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މެދުވެރިކުރައްވައިގެންކަމަށް މި ނޫހަށް ވަނީ އެނގިފައެވެ. އަދި މި ބައްދަލުވުމުގައި ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހުއަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މި ނިންމެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައި، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެމްޑީޕީއިން ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވިކަން އިއުލާންކުރެއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޕާޓީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލްއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގުންގުޅުއްވާކަމަށް ރައީސް ނަޝީދު ވެސް ވަނީ ކުރިން ވިދާޅުވެފައެވެ. 

އެމްޑީޕީ ބައިބައިވީ، 2023 ވަނަ އަހަރު އޮތް ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދަށް ލިބިލެއްވި ނާކާމިޔާބީއަށްފަހުއެވެ. އެ މަނިކުފާނު އޭރު ވިދާޅުވީ، ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބުކުރެއްވީ ވޯޓު އޮޅުވާލައިގެން ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS