Ads by Stelco

ޚަބަރު

މާރިޗު މަހު ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލެވޭނެ ކަމަށް ލަފާކުރެވޭ: އީސީ

މާރިޗު މަހު ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލެވޭނެ ކަމަށް ލަފާކުރެވޭ: އީސީ

އިންތިޚާބެއްގެ ވޯޓު ގުނުން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2025، 03:29

22 ޖޫން 2025، 03:29

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭނީ މާރިޗު މަހުގެ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަލާހު ވިދާޅުވެފައިވަނީ، ޤާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 45 ދުވަސް ކުރިން އިންތިޚާބު ބާއްވަންޖެހެއެވެ. އެހެންކަމުން، އިންތިޚާބު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭނީ މާރިޗު މަހުގައެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރިއަށްދަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށާއި ދާއިރާތަކަށް ކައުންސިލަރުންގެ އަދަދު ކަނޑައެޅުމަށް އާބާދީ ގުނުމުގެ މަސައްކަތް ކަމަށް ސަލާހު ވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބީ އެކިއެކި މަސައްކަތްތައް ކުރުމަށް ތަނެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުން، ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ 3,000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 މެންބަރުންނެވެ. އަދި އާބާދީ 3,000 މީހުންނަށްވުރެ ގިނަނަމަ 5 މެންބަރުންނެވެ.

އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން 1,500 ރުފިޔާގެ ޑިޕޮޒިޓެއް ދައްކަންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާ ނުލައި ވާދަކުރާ ފަރާތްތަކުން މަދުވެގެން އިންތިޚާބީ ދާއިރާގެ 50 މީހުންގެ ސޮއި ހުށަހަޅަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS