ޚަބަރު
ނިމުނު ހަފްތާގައި މަސްވެރިންނަށް 11.6 މިލިޔަން ރުފިޔާ ދޫކުރި: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިމިދިޔަ ހަފްތާގައި މަސްވެރިންނަށް 11.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފިއެވެ.
މިފްކޯއިން ބުނެފައިވަނީ މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 40 އިންސައްތައަށް ވުރެ އިތުރު ޢަދަދެއް ކަމަށެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމުނު ހަފްތާގައި 192 ދޯންޏަކަށް ޖުމްލަ 11.6 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ޖޫންމަހުގެ ދެވަނަ ހަފްތާގައި ދޫކުރި 8.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 39.8 އިންސައްތައިގެ އިތުރުވުމެކެވެ. ނިމިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، އެދުވަހު 40 ދޯންޏަކަށް 3.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް މަސްވެރިކަން ހެދުން ކަމަށްވާއިރު، މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.