ޚަބަރު
ސެންޓްރަލް ޖަލުގެ މަސައްކަތަށް 3 ޤައުމަކުން ޝައުގުވެރިކަން ފާޅުކޮށްފި

ވަޒީރު ޢަލީ އިހްސާން
ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އެޅުމުގެ މަޝްރޫޢަށް ބޭރުގެ 3 ޤައުމަކާއި ރާއްޖޭގެ ކުންފުންޏެއް ހިމެނޭގޮތަށް 4 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ދިވެހި ކުންފުންޏެއް ކަމަށެވެ. އަދި މި ހުރިހާ ފަރާތްތަކަކީވެސް މިފަދަ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޖަލުތައް އެއްކޮށްލުމުގެ މަޝްރޫޢުގެ ސަބަބުން ހިންގުމުގެ ޚަރަދުން 40 އިންސައްތަ ކުޑަކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، "ޖަލުތައް ބެލެހެއްޓުން ބައިނަލްއަޤްވާމީ ފެންވަރަށް ގެނެވި، ކުށުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ފެންވަރު ރަނގަޅު ނިޒާމެއް ޤާއިމުކުރެވޭނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު އެކި ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން ދައުލަތަކަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން އެންމެ ގައިދީއަކު ބެލެހެއްޓުމަށް މަހަކު 27,000 ރުފިޔާ ޚަރަދުވާއިރު، ކޯޓަށް ގެންދިއުމާއި މެޑިކަލް އަދި ލޮޖިސްޓިކް ކަންކަމަށްވެސް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ.
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ މި އައު ޖަލުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފެށުމަށް އަމާޒުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ "ޖަލުގައި ހުކުމް ތަންފީޒުކޮށް ނިކުންނަ ކޮންމެ މީހަކީ، ހަރުދަނާ، މުޖުތަމަޢަށް ފައިދާވާނެ މީހެއްގެ ގޮތުގައި" ނިކުތުން ކަމުގައި ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.