ޚަބަރު
ހިޔާވަހި ސްކީމްގެ ދަށުން ދޫކުރާ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ މުއްޠަލިބް---
ކުޑަ އިންޓަރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު މުއްޠަލިބް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ. އަދި "އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި، އެންމެ ލަސްވެގެން ޖުލައި ކުރީކޮޅު، އަޅުގަނޑުމެންނަށް ލިބިފައި ހުރި އެޕްލިކޭޝަންތައް އެ ބޭންކުތަކަށް ފޮނުވައިގެން މަސައްކަތް ފަށައިގަނެވޭނެ" ކަމަށް ވަޒީރު ވިދާޅުވި އެވެ.
ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ މި ލޯނަށް އެދި 2،256 ފޯމު ހުށަހެޅިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އެންމެ ގިނަ ފޯމު ލިބިފައިވަނީ ރަށްވެހި ކެޓަގަރީން ކަމަށްވާއިރު، އެއީ 1،329 ފޯމެވެ. ސަހަރު ކެޓަގަރީން 586 ފޯމާއި އަދި ފަހިމާލެ ކެޓަގަރީން 341 ފޯމު ލިބިފައިވެއެވެ.
މި ސްކީމްގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރާނެއެވެ. އެއީ ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ "ރަށްވެހި" ސްކީމާއި، އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ "ސަހަރު" ސްކީމް އަދި މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ "ފަހިމާލެ" ސްކީމެވެ.
ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ކުރިއަށް ގެންދާ މި ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގައެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެއެވެ. އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކާކަށް ނުޖެހޭނެ އެވެ.
ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، މި ސްކީމް ތައާރަފުކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.