ޚަބަރު
ދައުލަތުގެ ދަރަނި ދެއްކުމަށް މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

މާލީ ވުޒާރާ. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ދައުލަތުގެ ދަރަނި ދެއްކުމަށް މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފިކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފިއެވެ.
ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކުރުމަށްފަހުވެސް، ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ވަނީ ހިފެހެއްޓިފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ކުރީ އަހަރުތަކުގައި ނަގާފައިވާ ދަރަންޏަށް ފައިސާ ދެއްކި މިންވަރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށް ފިސްކަލް ރިޕޯޓުން ދައްކައެވެ.
ދައުލަތުން ތަންފީޒުކުރަމުންދާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ 20.6 ބިލިއަން ރުފިޔާއަށް މަދުކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.
އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 17 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 ޕަސެންޓުގެ އިތުރުވުމެކެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ޚަރަދު ބޮޑުވި ނަމަވެސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.