ވިޔަފާރި / ޚަބަރު
އައު ޓާމިނަލް ހުޅުވަން 35 ދުވަސް، ކައުންޓްޑައުން ފަށައިފި

އައު ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފެށުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު، ފޮޓޯ: އެމްއޭސީއެލް

ފަރުދުން
21 ޖޫން 2025، 10:44
21 ޖޫން 2025، 10:44
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި ރޭ ދަންވަރު 12:00ގައި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކައުންޓުޑައުން ރަސްމީކޮށް ފައްޓަވައިދެއްވެވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.
ވެލާނާ އެއާރޕޯޓުގެ އައު ޓާރމިނަލްއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރުޢޫކަމުގައިވެފައިވާއިރު، މި ޓާރމިނަލް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ވައުދުފުޅެވެ.
1960 ވަނަ އަހަރު ދަގަނޑު ފިލާތަކެއް ބޭނުންކޮށްގެން ހެދި ރަންވޭގެ މައްޗަށް އެންމެ ފުރަތަމަ ބޯޓެއް ޖެއްސުމަށް ދިވެހިން ކުރި ޤައުމީ މަސައްކަތް ހަނދާން އާކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެމް.އޭ.ސީ.އެލްގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި، އަދި ކަމަކަށް ކުރިމަތި ލައިފިނަމަ އެކަމެއް ނިންމުމާއި މެދު އޮންނަ ޔަގީންކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންވެސް ފުރިހަމައަށް އެއްބާރުލުން ދީގެން، ދިވެހިރާއްޖެއަށް މި ކޮށްދޭ ޤައުމީ މަސައްކަތް ކާމިޔާބުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
Tonight, CEO & MD Ibrahim Mohamed Shareef officially launched the countdown to the grand opening of our New Passenger Terminal at Velana International Airport!
— Maldives Airports Company Ltd (@MACLmedia) June 20, 2025
A national milestone that marks the start of a bold new era for Maldives tourism and economy. pic.twitter.com/C8busOSCBZ
ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މިޓަރމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރުޢޫތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫޢެވެ.
އައު ޓަރމިނަލް ހުޅުވުމަށްވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، މިއީ މިހާރު ބޭނުންކުރާ ޓަރމިނަލަށްވުރެ އެތައްގުނައެއް ބޮޑު ، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ޚިދުމަތްދެވޭނެ ތަނަވަސް ޓަރމިނަލެކެވެ. އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިންގ ސިސްޓަމްއާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާަންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމްތަކުގެ ޚިދުމަތް ޓަރމިނަލުން ލިބިގެންދާނެއެވެ.