ޚަބަރު
ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަސައްކަތްކުރާ ޤައުމެއް: މަޖިލީހުގެ ނައިބު ރައީސް

މަޖިލީހުގެ ނައިބު ރައީސް/ފޮޓޯ: މަޖިލިސް
ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަސައްކަތްކުރާ ޤައުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި ދެއްވެވި ތަޤުރީރުގައެވެ. މި ފޯރަމްގައި ނައިބު ރައީސް އަޙްމަދު ނާޡިމް، ސަރަޙައްދީ ތަރައްޤީއަށްޓަކައި މުހިންމު ފަސް ނުކުތާއެއް ފާހަގަކުރައްވާފައިވާއިރު، އޭގެ ތެރޭގައި ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި، ފެހި އިޤްތިޞާދީ ތަރައްޤީއާއި، ބަދަހި އިޤްތިޞާދީ ގުޅުމާއި، އިންސާނީ ތަރައްޤީއާއި، އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.
"ތަރައްޤީއަކީ، ސްޓްރެޓެޖީއެއް ނޫން. އެއީ ޤައުމަށްޓަކައި ވެވޭ ވަޢުދެއް. އަދި އެ ވަޢުދާއެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައިވެސް އެއްވެސް ފުރުޞަތަކުން އެއްވެސް ފަރާތެއް އެކަހެރި ނުކުރެވޭނެ ޝާމިލު މަސައްކަތެއްކަން ޔަގީންކުރަންޖެހޭ ވަޢުދެއް"
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
މި ތަޤްރީރުގައި ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި މަސައްކަތްކުރާ ޤައުމެއްކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭގެ ވިސްނުމަކީ ހުޅުވާލެވިފައިވާ އަދި ހުރިހާ ފަރާތްތައް ޝާމިލުވާ ދެމެހެއްޓެނިވި ތަރައްޤީއެއް ކަށަވަރުކުރުމަށްޓަކައި ޗައިނާއާއި އެހެނިހެން އަވަށްޓެރި ޤައުމުތަކާއެކު މަސައްކަތްކުރުންކަމަށް އަޙްމަދު ނާޡިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަޙްމަދު ނާޡިމް ވަނީ، ޗައިނާގެ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިޞްލާޙުތަކާއި ޢުމްރާނީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ޚާއްޞަ ޙާލަތަށް ބައްޓަން ކުރެވިދާނެ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ.