ވިޔަފާރި / ޚަބަރު
އިމާރާތްކުރުމުގެ ދާއިރާ ބޮޑު ކުރިއެރުމެއް ހޯދައިފި؛ މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިޤްތިޞާދު ރަނގަޅުވެއްޖެ

ރާއްޖޭގެ ރަށެއްގައި އިމާރާޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައި، މި ދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރި މިންވަރާއި ދޫކުރި ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން، އިޤްތިޞާދުގެ މައިގަނޑު އެހެން ދާއިރާތަކުންވެސް ވަނީ މި މުއްދަތުގައި ހެޔޮ ކުރިއެރުންތަކެއް ހޯދާފައެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ކުއާޓަލީ އެކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކާގޮތުން، ރާއްޖޭގެ އިމާރާތްކުރުމުގެ އަދި ރިއަލް އެސްޓޭޓްގެ ދާއިރާއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީ-މާރޗް) ގައި އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި އިމްޕޯޓްކޮށްފައިވާ މިންވަރު ވަނީ %16 އިތުރުވެފައެވެ. އަދި މި ސިނާއަތަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް ވަނީ %13 އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވާގޮތުން، އިމާރާތްކުރުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވަނީ ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނާއި، ރިސޯޓް އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، މި ކުއާޓަރުގެ ތެރޭގައި ގެސްޓްހައުސްތައް އިމާރާތްކުރުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އެހެން ސިނާއަތްތައް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަންވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހެޔޮ ކުރިއެރުންތަކެއް ހޯދާފައެވެ. މަސްވެރިކަމުގެ ސިނާއަތުން %5 ގެ ކުރިއެރުމެއް ހޯދާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ %14 ކުރިއެރުމެއް ހޯދާފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ޖުމްލަ 632,422 ފަތުރުވެރިން އައިސްފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުގައި، މިއީ ފުރަތަމަ ކުއާޓަރެއްގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ އަހަރެވެ.