ޚަބަރު / ކުޅިވަރު
އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް މި މަހު ފަހުކޮޅު ބާއްވަން ނިންމައިފި

މި އަހަރު އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް---
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ މި އަހަރުގެ އޯޑިނަރީ ކޮންގްރެސް މި މަހު ފަހުކޮޅު ބާއްވަން ނިންމާފައިވާކަމަށް އެ އެސޯސިއޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އެފްއޭއެމްއިން މިއަދު ހާމަކުރި ނޫސްބަޔާނެއްގައިވާ ގޮތުން، އެ އެސޯސިއޭޝަންގެ ކޮންގްރެސް މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން، މި ކޮންގްރެސްގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން އޮންނާނެއެވެ.
މީގެ އިތުރުން ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން އިސްލާހުކުރި އެފްއޭއެމްގެ ހިންގާ ގަވާއިދާއި އަދި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ގަވާއިދު އެކުލަވާލުމުގައި ކްލަބުތަކުގެ ހިޔާލު ހޯދާފައިވާނެކަމަށް އެފްއޭއެމްއިން ބުނެއެވެ.
އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއި، 2025 ން 2028 އަށް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމާއި، އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާނެ ދުވަސް ކަނޑައެޅުމާއި އަދި އިލެކްޓޯރަލް ކޯޑު ފާސްކުރުން ހިމެނެއެވެ.
މި ކޮންގްރެސްއާއިއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަދި އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު 2025 ގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ.