Ads by Stelco

ޚަބަރު

އެފްޑީސީގެ 4000 ފްލެޓުގެ މަސައްކަތް ނިންމާ ޖުލައި މަހު ހަވާލުކުރަން ފަށާނެ

އެފްޑީސީގެ 4000 ފްލެޓުގެ މަސައްކަތް ނިންމާ ޖުލައި މަހު ހަވާލުކުރަން ފަށާނެ

އެފްޑީސީގެ 4000 ފްލެޓުތައް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަތުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 07:13

19 ޖޫން 2025، 07:13

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތްތައް ނިންމާ، އަންނަ މަހު ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރަން ފެށޭނެކަމަށް ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.

މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގެ އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި ފާހަގަކުރެވޭ މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް އިމާރާތްކުރެވެމުންދެއެވެ. މީގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭ.ޕީ.އައި.އެލް) އިންނެވެ. އަދި އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެން.ބީ.ސީ.ސީ) އިންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޒިޔާރަތުގައި، "އަމާން ދޯދި" އާއި "އަމާން އުދަރެސް" ގެ ބައެއް ޓަވަރުތަކަށް ވަޑައިގެން ބައްލަވާލެއްވިއެވެ. މި ޒިޔާރަތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ދައުލަތުގެ އެހެނިހެން ވަޒީރުންނާއި، މަޝްރޫޢުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވި ގޮތުގައި، މި ސަރުކާރު ހަވާލުވިއިރު މަޝްރޫޢުގެ ސްޕީޑާ އަޅާބަލާއިރު، މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވިފައެވެ. އަދި އިމާރާތުގެ ތެރޭގައި ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ޓަވަރުތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ފަދަ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށްދާކަމަށާއި، ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ މިންވަރަކުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމަންޓް ހަދައި، ޖުލައި މަހުގެ ތެރޭގައި ފްލެޓް ޙަވާލުކުރަން ފެށޭނެއެވެ.

4000 ފްލެޓްގެ މަޝްރޫޢުގެ އިމާރާތްތަކުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް %95 އިން %96 އަށް ނިމިފައި ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމާއި ތަންތަން ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން މިއަދު ހާމަކޮށްފައިވެއެވެ. 

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމި، ރައްޔިތުން ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ސަރުކާރުން މިއަދު ހާމަކޮށްފައިވެއެވެ. ހަމަމިއާއިއެކު ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީ މެދުވެރިކޮށް ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ. 

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ހިންގާ، ޖުމްލަ 267 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS