Ads by Stelco

ޚަބަރު

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “މޫދު ފެސްޓް” ހޮނިހިރު ދުވަހު ބާއްވަނީ

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “މޫދު ފެސްޓް” ހޮނިހިރު ދުވަހު ބާއްވަނީ

މޫދު ފެސްޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 05:28

19 ޖޫން 2025، 05:28

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން "މޫދު ފެސްޓް" ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1ގެ ދިރާގު ގޮނޑުދޮށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މެންދުރު 1 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލްގައި ކަނޑާ ގުޅޭ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ގިނަ ސްޓޯލްތަކެއް ހުންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި ފެސްޓިވަލްގައި ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެއެވެ.

ފެސްޓިވަލްގެ މައިގަނޑު އެއް މަޤްޞަދަކީ ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ބޭނުންކުރުމާ ގުޅޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން އެކިއެކި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

"މޫދު ފެސްޓް" ފެށުމުގެ ގޮތުން ޑައިވް ސެންޓަރުތަކާ ގުޅިގެން "ޑިސްކަވަރ ޑައިވް" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ރޭވިފައިވާ ހަރަކާތެކެވެ. މި ހަރަކާތް ނިމުމުން ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS