ޚަބަރު
އާންމު ދަތުރުފަތުރަށް އުނދަގޫވާގޮޮތައް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާނަމަ ފިޔަވަޅުއަޅަނީ

މާލޭގެ ބޮޑުތަކުރުފާނުމަގުި. ފޮޓޯ: އަވަސް
ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވކޮށް، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތުގެ ތެރެއިން، ހެންވޭރު ކޮޅު ހިތިގަސްމަގުގެ ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކުރުމަށްފަހު، އެ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުންނެވެ. އަދި މިފަދައިން ޕާކުކުރާ އުޅަނދު ދުއްވި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ އަންގަވާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، އުޅަނދުތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އެދިވަޑައިގެންފައިވެއެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވަމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.