ޚަބަރު
ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކު މާލޭގައި ހެދޭނެ: ވަޒީރު ނާޡިމް

ޞިއްޙީ ވަޒީރު ނާޡިމް. ފޮޓޯ:ރައީސް އޮފީސް
މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކް ކޮރަލް ބޮލެވާޑް ފާންނުގައި ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ޤާއިމްކުރެވޭނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށްދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގެ 4 ސަރަހައްދެއްގައި އަދި ހުޅުމާލޭގައި ޖުމްލަ 6 ޖީޕީ ކްލިނިކް ޤާއިމްކުރުމަށް ވަނީ ނިންމާފައިކަމަށެވެ.
"ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކް މާލޭގައި ހެދޭނެ. އިމާރާތުގެ މަސައްކަތް ނިމެނީ. އަދި މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އިމަޖެންސީއަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާއިރު، އޭގެތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އިމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ޚިދުމަތް ދެވިދާނެ ފަރާތްތަކެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އާދައިގެ ކުދިކުދި ބަލިތަކާއި އާންމު ރޯގާތަކަށް މައި ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފެމެލީ ކްލިނިކްތަކުން ޚިދުމަތް ހޯދާކަން ފާހަގަކުރައްވަމުން، މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބި، މައި ހޮސްޕިޓަލުގެ ބުރަ ކުޑަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އިމަޖެންސީއާއި ޖެނެރަލް ޕްރެކްޓިސްއަށް އަހަރަކު 150,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާއިރު، އޯޕީޑީ ކޮންސަލްޓޭޝަންގެ ޚިދުމަތް ހޯދުމަށް 240,000 މީހުން އަދި ހުޅުމާލެ ހޮސްޕިޓަލަށް 238,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ.