ޚަބަރު
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ މުބާރާތުގެ ތެރެއިން/ފޮޓޯ: އެމްއެންޔޫ
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މި މުބާރާތުގައި އެންމެ ފުރަތަމަ ރަޖިސްޓްރީވާންޖެހޭނީ މުއައްސަސާތަކާއި ޖަމިއްޔާތަކުން ކަމަށެވެ. އަދި އެ ތަންތަން ތަމްސީލުކުރާ ބައިވެރިންގެ ރަޖިސްޓްރީކުރުމުގެ މަރުޙަލާ ކުރިއަށްދާނީ އޭގެ ފަހުން ކަމަށް އެ މަރުކަޒުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވާންޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.
މިއަހަރުގެ ވެސް މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ، ސްކޫލު ކުދިންގެ ބަޔާއި، ހާފިޒުންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ. އެގޮތުން، ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ މުޅި ޤުރުއާން ހިތުދަސްކޮށް ތަޖުވީދުގެ ހަމަތަކާއެކު ކިޔަވާ ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ މުއައްސަސާއަކުން ވެސް ބޭނުން ޢަދަދަކަށް ޙާފިޒުން ބައިވެރިކުރެވޭއިރު، އަމިއްލަ ގޮތުންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، މި މުބާރާތުގައި މުއައްސަސާތަކުގެ ބައިގައި ބައިވެރިވެވޭނީ ކަމާ ބެހޭ އިދާރާއެއްގައި ކިޔަވައިދެއްވުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަންކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. ހަމަ އެހެންމެ، ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ ތަޢުލީމީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް-5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮތްޕާއި، ހާފިޒުންގެ ގޮފި ހިމެނޭހެން ޖުމްލަ 3 ގޮތްޕަކަށް ކިޔެވުން ކުރިއަށްދާނެއެވެ. އަދި މިއިން ކޮންމެ ބަޔަކުން ވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މުޅި މުބާރާތުން ވެސް މި ވަނަތައް ހޮވުމަށް ނިންމާފައިވާއިރު، މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއް ދެއްވާނެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވަނީ، މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ގައިކަމަށް މީގެ ކުރިން އިޢުލާނުކޮށްފައެވެ.