ޚަބަރު
ރައީސް ނަޝީދާއި ޑިމޮކްރެޓްސްއިން ބަދަލުވާން ނިންމި މެންބަރުންނަށް އެމްޑީޕީއިން މަރުހަބާ ކިޔައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް، ފޮޓޯ: މިހާރު
ރައީސް މުހައްމަދު ނަޝީދު އާއި "ދަ ޑިމޮކްރެޓްސް"ގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމާ ގުޅިގެން އެ ޕާޓީއިން މަރުހަބާ ކިޔައިފިއެވެ.
ޑިމޮކްރެޓްސްއިން އެމްޑީޕީއާ ގުޅުމަށް ނިންމީ އެ ޕާޓީއިން އަންގާރަ ދުވަހު ބޭއްވި ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައެވެ.
މިކަމާ ގުޅިގެން ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނީ، ގައުމަށްޓަކައި ހަގީގީ މަސައްކަތްކޮށްދިނުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ޕާޓީއާ ގުޅުމަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދާއި، އެ ޕާޓީއަށް ޑިމޮކްރެޓްސްއިން ގުޅިވަޑައިގެންނެވި ބޭފުޅުންނާއެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާނެކަމަށް އެ ބަޔާނުގައި ވެއެވެ.
ނޫސްބަޔާން: ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް މަރުހަބާ pic.twitter.com/bNMIuSLNCS
— MDP Secretariat (@MDPSecretariat) June 18, 2025
ޑިމޮކްރެޓްސް އެފެއްދީ ރައީސް ނަޝީދު އިސްކޮށް ހުންނަވައި، 2023 ވަނަ އަހަރު އެމްޑީޕީއިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހުއެވެ. އެ ޕާޓީ އުފެއްދިއިރު އެ އަހަރު އޮތް ރިޔާސީ އިންތިހާބާ ދެމެދު އޮތީ ގާތްގަނޑަކަށް ދެ މަސްދުވަހެވެ.
އޭރު އެމްޑީޕީއާ ވަކިވެގެން ދިއުމަށްފަހު ޑިމޮކްރެޓްސްގެ އިސްސަފުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުން މި އަހަރުގެ ކުރީކޮޅު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ދާއިރާއާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.