ޚަބަރު
އެންމެން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމާ އަލައިކާ ދެކޮޅު

ޑިމޮކްރެޓްސްގެ ނައިބު ރައީސާ އައިޝަތު އަލައިކާ އަދުނާނު---
ދަ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން ވަކި ޕާޓީއަކާ ގުޅޭގޮތަށް އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައި އަންގާރަ ދުވަހު ނިންމުމަކީ ގަބޫލުކުރެވޭ ގޮތެއް ނޫންކަމުގައި އެ ޕާޓީގެ ނައިބު ރައީސާ އައިޝަތު އަލައިކާ އަދުނާނު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލައިކާ ވިދާޅުވީ، ސިޔާސީ ޕާޓީއަކާ ގުޅުމަކީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަންޖެހޭނެ ކަމެއްކަމަށާއި، އެހެންކަމުން ޕާޓީއެއްގެ ގަރާރަކުން ވިޔަސް، މީހަކު ނުވަތަ ބަޔަކު ވަކި ޕާޓީއަކަށް ގުޅުމަށް ނިންމާ ގަރާރުތަކާ އޭނާ އިދިކޮޅުކަމަށެވެ.
ޑިމޮކްރެޓްސްގެ ކަންކަން ހިނގަމުންދާގޮތް އަލައިކާއަށް ނޭންގޭކަމަށް ބައެއް ފަރާތްތަކުން ޝައްކު އުފައްދާތީ އެކަމަށް އިޝާރާތްކުރައްވައި އަލައިކާ ވިދާޅުވީ، ޕާޓީއެއްގެ ގައުމީ މަޖިލީހަށްވުރެ ޕާޓީ ބޮޑުވާނެކަމަށާއި، ޕާޓީގެ އެފަދަ ނިންމުންތަކަކީ ވަކިވަކި ފަރުދުންގެ ފިކުރު ނޫންކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އާންމު މެންބަރުންގެ ނިންމުންކަމަށެވެ. އަލައިކާ މިހެން ވިދާޅުވީ، ޕާޓީއެއްގެ ނިންމުމަކީ އެކަކަށް ވިސްނޭގޮތަށް ނިންމާ ނިންމުންތައް ނޫންކަމަށް ހާމަކުރައްވަމުންނެވެ.
I would like to make it unequivocally clear: a political party is greater than the National Assembly itself. The Vice President is just one elected representative among hundreds of others. Resolutions are not determined by the opinion or authority of a single individual, they are… https://t.co/g3pKM4UtlX
— Ashiyath Alaika Adhnan (@AlaikaAyesh) June 18, 2025
އެހެންކަމުން، ޑިމޮކްރެޓްސް އުވާލައި ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުން ބަލައިނުގަންނަކަމަށް އަލައިކާ ވަނީ ވިދާޅުވެފައެވެ.
ޑިމޮކްރެޓްސްއިން އަންގާރަ ދުވަހު ބޭއްވި ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަނގަޅުކުރުމަށާއި، ޖަވާބުދާރީވަނިވި ދައުލަތެއް ދެމެހެއްޓުމަށް އަދި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާމެދު ގެއްލެމުންދާ އިތުބާރު އަލުން ގާއިމުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމެވެ. އަދި އެމްޑީޕީއާ ގުޅުމަށް ނިންމީ އެ މަގުސަދުގައިކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ޑިމޮކްރެޓްސް އެފެއްދީ ރައީސް ނަޝީދު އިސްކޮށް ހުންނަވައި، 2023 ވަނަ އަހަރު އެމްޑީޕީއިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހުއެވެ. އެ ޕާޓީ އުފެއްދިއިރު އެ އަހަރު އޮތް ރިޔާސީ އިންތިހާބާ ދެމެދު އޮތީ ގާތްގަނޑަކަށް ދެ މަސްދުވަހެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ދާއިރާއާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.