Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ދާއޫދު މަގާމުން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ދާއޫދު މަގާމުން ވަކިކޮށްފި

ި ދާއޫދު އަހުމަދު---

19 ޖޫން 2025، 12:50

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާއޫދު ވަޒީފާއިން ވަކިކުރުމަށް ނިންމެވީ، ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާ ދޮގު ބަޔާން ދީފައިވާކަމަށް އެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާތީކަމަށެވެ.

2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފި.

ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވެއެވެ.

ހީނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، މި ފިޔަވަޅަކީ ރިޔާސީ ކޮމިޝަނުގެ ބަޔާން ތަންފީޒުކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. 

ދާއޫދަކީ ޔުމްނު ވެއްޓުނު ރޭގައި އޭނާއާއެކީ އުޅުނު ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަދި މި މައްސަލާގައި އޭނާގެ މައްޗަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކާ ގުޅިގެން އޭނާ ހުރީ އެޕްރީލް 24 ވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ވަޒީފާއިން، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފައެވެ.

އަދި ޔުމްނު ވެއްޓުނު ހާދިސާއާ ހަމައަށް ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ވެސް މެއެވެ. ނަމަވެސް މި މައްސަލައަށްފަހު ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެން އޭނާ ވަނީ އެ ކޮމެޓީއިން އިސްތިއުފާދީފައެވެ. 

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަނިކޮށް ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ގުޅައިފަ އެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދާއޫދު ވެސް ވަނީ ބަޔާން ދީފަ އެވެ. އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައި ނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައި ނުވާ ކަމަށެވެ.

ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާނާ، ދާއޫދޫ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާކަމަށް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައި ވެއެވެ. ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާގޮތުން، މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދާއޫދު ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް ހުއްޓެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS