Ads by Stelco

ޚަބަރު

ދަރިމައިވުމުގެ ޞިއްޙަތުގެ ފަރުވާއާއި ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ހުޅުވާލަނީ

ދަރިމައިވުމުގެ ޞިއްޙަތުގެ ފަރުވާއާއި ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ހުޅުވާލަނީ

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 11:12

18 ޖޫން 2025، 11:12

މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހި ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. 

މެޑަމް ސާޖިދާ މިކަން އިޢުލާނު ކުރެއްވީ ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގައެވެ.

ފަސްޓް ލޭޑީ ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދަރިމައިވުމުގެ ދާއިރާއަށް ޚާއްޞަ ޑޮކްޓަރުންގެ ދަތިކަން ދިމާވެފައިވާއިރު، މި ސްކޮލާޝިޕްތަކަކީ އެ ދާއިރާއިން ޚާއްޞަ ޑޮކްޓަރުން އުފެއްދުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. އަދި މި ފުރުޞަތުތަކަކީ މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދާ" ކެމްޕެއިނުގެ އެމްބެސެޑަރެއްގެ ގޮތުގައި އެކަމަނާ ހަމަޖެއްސެވުމާ ގުޅިގެން ލިބިގެންދިޔަ ފުރުޞަތެކެވެ.

ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައި، ފަސްޓް ލޭޑީ ވަނީ ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައިވެއެވެ.

އެކަމަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގ އަދި ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ޞިއްޙީ ދާއިރާގައި އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމަކީވެސް މުހިންމު ކަމެކެވެ. މީގެ ކުރިންވެސް މެކް ފައުންޑޭޝަނާ ގުޅިގެން ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި، ޖިންސީ ތަފާތުކުރުންތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި، ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވާކަމަށް ފަސްޓް ލޭޑީ ވަނީ ފާހަގަކުރައްވާފައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުގައި ޞިއްޙީ ދާއިރާގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، އެކި ޤައުމުތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS