Ads by Stelco

ޚަބަރު

ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

އެމްޑީޕީގެ ލާމަރުކަޒީ ކޮންފަރެންސް ---

18 ޖޫން 2025، 07:08

ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީގެ މެންބަރުން އިދިކޮޅު އެމްޑީޕީއާ ގުޅުމަށް ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައި ނިންމާފައިވުމުން، އެ ކަމާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެގޮތުން މި ބައްދަލުވުމުގައި، ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން ބައެއް ކަންކަމުގައި އެމްޑީޕީ މެންބަރުންގެ ހިޔާލު ހޯދުމަށް މަޝްވަރާކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން،  އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަނގަޅުކުރުމަށާއި، ޖަވާބުދާރީވަނިވި ދައުލަތެއް ދެމެހެއްޓުމަށް އަދި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާމެދު ގެއްލެމުންދާ އިތުބާރު އަލުން ޤާއިމުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމެވެ. އަދި އެމްޑީޕީއާ ގުޅުމަށް ނިންމީ އެ މަގުސަދުގައިކަމަށް ވެސް ހާމަކޮށްފައިވެއެވެ. 

ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އިސްބޭފުޅުންނާއެކު 46 މެންބަރުން ބައިވެރިވެފައިވާއިރު، ހައެއްކަ މީހުން ފިޔަވާ އެހެން ހުރިހާ އެންމެން ވަނީ އެމްޑީޕީއާ ގުޅުމަށް ތާއީދުކޮށްފައެވެ. 

ޑިމޮކްރެޓްސް އެފެއްދީ ރައީސް ނަޝީދު އިސްކޮށް ހުންނަވައި، 2023 ވަނަ އަހަރު އެމްޑީޕީއިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހުއެވެ. އެ ޕާޓީ އުފެއްދިއިރު އެ އަހަރު އޮތް ރިޔާސީ އިންތިހާބާ ދެމެދު އޮތީ ގާތްގަނޑަކަށް ދެ މަސްދުވަހެވެ. 

އޭރު އެމްޑީޕީއާ ވަކިވެގެން ދިއުމަށްފަހު ޑިމޮކްރެޓްސްގެ އިސްސަފުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުން މި އަހަރުގެ ކުރީކޮޅު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. 

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ދާއިރާއާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS