Ads by Stelco

ޚަބަރު

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ތަކެތި ހޯދައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ތަކެތި ހޯދައިފި

ވަގަށް ނަގާފައިވާ ތަކެތި/ފޮޓޯ: ފުލުހުން

18 ޖޫން 2025، 04:42

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ތަކެތި ހޯދައިފި އެވެ.

މިތަކެތި ހޯދާފައިވަނީ، ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ މިމަހުގެ މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ޖޫން 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން، ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ވަނީ ހޯދާފައިކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން  އިތުރަށް ތަހުޤީގުކުރަމުންދާއިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS