ޚަބަރު
ޔޫއެންއެސްކެޕަށް ރާއްޖެއިން އެންމެ ފުރަތަމަ ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވައިފި

ޔޫއެންއެސްކެޕަށް ރާއްޖެއިން އެންމެ ފުރަތަމަ ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެރުވުން.ފޮޓޯ: ޚާރިޖިއްޔާ
ހުލާސާ
ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ހުދާ ޢަލީ ޝަރީފް، އެކަމަނާގެ މަޤާމުގެ ފަތްކޮޅު އ.ދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް އަރުވައިފިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އ.ދގެ ކޮންފަރެންސް ސެންޓަރުގައި ބޭއްވުނު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި، ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފް ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުންދޭ އިސްކަން ފާހަގަކުރައްވާފައެވެ. އަދި ޔޫއެންއެސްކެޕާއެކު ގުޅުން ބަދަހިކޮށް، އެ ޖަމްޢިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ޝައުޤުވެރިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ ވަނީ ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ޔޫއެންއެސްކެޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފްގެ އަރިހުގައި ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާރ ޝަޖްނާ އިބްރާހީމް އިޤްބާލާއި ސެކަންޑް ސެކްރެޓަރީ ސިޔާނާ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫއެންއެސްކެޕްގައި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ 53 މެމްބަރު ޤައުމު ހިމެނޭއިރު، މި ކޮމިޝަންގެ މައިގަނޑު އަމާޒަކީ ސަރަޙައްދީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. ދިވެހިރާއްޖެ 1971 ގައި ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށްވީއިރު، ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފަކީ ދިވެހިރާއްޖެއިން އެކޮމިޝަނަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބެވެ.