ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން/ފޮޓޯ: ނައިބު ރައީސް
ހުލާސާ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގޮސްފައިވަނީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ހދ. އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެން، މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ހދ. އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން، އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެހެން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމަށް މެންބަރުން ވިދާޅުވިއެވެ. ހަމަ އެހެންމެ، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ޤާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، އެ އަތޮޅު ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދިި އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، އިޤުތިޞާދީގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވުމަށް އެދިލައްވާ، އަތޮޅުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ވެސް އަތޮޅު ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ހުރިހާ މެންބަރުންނަށް ދެއްވާފައެވެ. ހަމަ އެހެންމެ، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.