ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބްރޯޑްކޮމްގެ މެންބަރުކަމަށް ޒަމްޢަތު އަޙްމަދު ވަޙީދު ޢައްޔަންކުރައްވައިފި

ޒަމްޢަތު އަހުމަދު ވަޙީދު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ އަލްފާޟިލާ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުން މިކަން ފާސްކޮށްފައިވަނީ، ބްރޯޑްކޮމްގެ ހުސްވެފައިވާ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހުގައެވެ. އެގޮތުން، މަޖިލީހަށް ފޮނުއްވަވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ޒަމްޢަތު އަހުމަދު ވަޙީދު މި މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްވެފައިވަނީ ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު ވަނީ، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކުރައްވާފައެވެ. ހަމަ އެހެންމެ، މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ޒަމްޢަތު ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.