Ads by Stelco

ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ޙައްޖުވެރިން އަނބުރާ ރާއްޖެ އަތުވެއްޖެ

ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ޙައްޖުވެރިން އަނބުރާ ރާއްޖެ އަތުވެއްޖެ

ޙައްޖުވެރިންގެ ފަހު ފްލައިޓު ރާއްޖެ އައުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

18 ޖޫން 2025، 12:17

ދިވެހިރާއްޖެ އިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން އަނބުރާ ރާއްޖެ އަތުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މިމަހުގެ 13 ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު، ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ތިންވަނަ ގްރޫޕް މިމަހުގެ 16 ވަނަ ދުވަހު އަނބުރާ ރާއްޖެ އައިސްފައިވާއިރު، ޙައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ބަދަލުތަކެއް ގެނެވުނު އަހަރެއް ކަމަށެވެ. އެގޮތުން، މިއަހަރު ޙައްޖުވެރިން މުޅިން އަލަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދަތުރުކޮށްފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އިނީޝިއޭޓިވްގެ ދަށުން ދަތުރުގެ ކަންތައްތައް ލުއިފަސޭހަކަމާއެކު ގޮސްފައިވާކަމަށް ޙައްޖުވެރިން ވެސް ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ، މިނާ އަދި ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މަތިކޮށްފައެވެ.

ދިވެހި ހުރިހާ ޙައްޖުވެރިން އެނބުރި އައިސްފައިވާއިރު މިއަހަރުގެ ޙައްޖުގެ ކަންކަން ގޮސްފައިވަނީ ވަރަށް ފަސޭހަކަމާއެކު ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަންނަ އަހަރުގެ ޙައްޖުގައި މިއަހަރު ފާހަގަކުރެވުނު ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS