ޚަބަރު
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހިނގާ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ބަލާފާސްކޮށްފައިވަނީ، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ބަލާފާސްކުރުމުގެ ތެރެއިން އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިވައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 259 ގްރާމެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.