ޚަބަރު
ތަހުގީގަށް ބޭނުންވާ ފުރިހަމަ ހެކި ފުލުހުންނަށް ނުހޯދުނީ އަމަލުކުރި ގޮތުން: ކޮމިޝަން

ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ---
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެއިން ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައި ނުވަނީ ފުލުހުން އަމަލުކުރި ގޮތުންކަމަށް، އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މައްސަލަ ތަހުގީގުކުރާ އޮފިސަރަށް އެ ތަނަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ނެވެ. އެއީ ހާދިސާގެ މައުލޫމާތު އެ އޮފިސަރަށް ދިނުމަށް ގަޑިއެއްހާއިރު ހޭދަވެފައިވުމުންކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އެހެންކަމުން ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތައް ގިނަކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަމުގައި ފަރުވާކުޑަކުރި ވަކިވަކި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން މުހިންމުކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ރޭ ފުލުހުންނަށް ރިޕޯޓުކުރުމާއެކު، އެކަން ވަގުތުން ހެންވޭރު ޕެޓްރޯލް ބީޓަށް ފުލުހުންގެ ކޮމާންޑުން އެންގިއެވެ. އަދި އެ ބީޓު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހާދިސާ ހިނގި ތަނަށް ގޮސްފައިވެއެވެ. އެއަށްފަހު އެ ބީޓުން ދިން މައުލޫމާތުގެ އަލީގައި އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ވެހިކަލް ވަނީ ފޮނުވާފައެވެ.
ނަމަވެސް ފުރަތަމަ އެ ތަނަށް ދިޔަ ބީޓުން ކުށުގެ ވެށި ހިމާޔަތްކުރުމަށް އެއްވެސްކަމެއް ކޮށްފައިނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެތަނުގައި ހަރަކާތްތެރިވި ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު، މިފަދަ ހާދިސާތަކުގައި ފުލުހުން އަމަލުކުރާ އުސޫލާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް ރިޕޯޓުގައި ވެއެވެ.
މީގެއިތުރުން، ހ. ފެންޓެނޯއީގޭގެ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި އެރޭ ޔުމްނު އުޅެފައިވާއިރު، އެ ތިން ފަންގިފިލާ އާއި ޔުމްނު ވެއްޓިފައި އޮތް ފުރާޅުމަތި ވެސް ރަގަޅަށް ބަލާފައި ނުވާކަމަށް ރިޕޯޓުގައި ވެއެވެ.
އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށް އެ ދުވަހުގެ ހަވީރު ފުލުހުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، ޔުމްނު ވެޓިފައި އޮތް ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް އަރައި، އެ ތަނުން ހެއްކެއް ލިބޭތޯ ބަލާފައިނުވާކަމަށް ރިޕޯޓުގައި ވެއެވެ. އަދި ގުދަނެއް ހިންގަމުން އަންނަ މިޓާޒްގޭގެ އެތެރެއަކީ ވެސް މުހިންމު ތަނެއްކަމަށް ކޮމިޝަނަށް ފާހަގަކުރެވޭއިރު، އެ ގުދަނުގެ އެތެރެ ވެސް ފުލުހުން ބަލާފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މިފަދަ ހާދިސާތަކުގައި ފުލުހުންގެ އިހުމާލު ކުޑަކުރުމަށް، ކޮމިޝަނުން އެދުނީ އެ އިދާރާގެ އެސްއޮޕީތަކަށް ފުލުހުން އަހުލުވެރިކުރުވުމަށް އިތުރަށް މަސައްކަތްކުރުމަށެވެ.
ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން، ޔުމްނު ވެއްޓުނު މައްސަލައަކީ އެހެން މީހެއްގެ ގަސްތެއް ނެތި ހިނގި ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މީހަކު ގަސްދުގައި ވައްޓާލާފައި އޮތްކަމަށް، ނޫނީ އޭނާ އަމިއްލަ އިހުތިޔާރުގައި ފުންމާލާފައިވާކަމަށް ކަނޑައެޅެން ނެތްކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
އެހެންކަމުން ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ވެއްޓުނީ ކަމަށާއި، އަދި އޭނާ ވެއްޓުނީ ސިޑި ގޮޅީގެ ކުޑަ ދޮރުންކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. މިގޮތަށް ބެލެވޭ ސަބަބަކީ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުންކަމަށް ވެސް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.