ވިޔަފާރި / ޚަބަރު

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ، ފޮޓޯ: އެމްޓީސީސީ

18 ޖޫން 2025، 06:42

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއަށް ބަލައި، އެ ކުންފުނިން ގަނެފައިވާ ކޮންމެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފިއެވެ. 

މިކަން ނިންމާފައިވަނީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މި ބައްދަލުވުމުގައި 156 ހިއްސާދާރުން ބައިވެރިވެފައިވާއިރު، އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 އިންސައްތައެވެ. ހިއްސާގެ އަދަދު ފާސްވީ މީގެ ތެރެއިން 99.5 އިންސައްތައިގެ ވޯޓުންނެވެ. 

މިދިޔަ އަހަރު އެމްޓީސީސީއިން ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ ބަލާއިރު 1 ރުފިޔާ ދަށް އަދަދެކެވެ.

ރޭ ބޭއްވި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ ކުންފުންނަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 45 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ.

އެހެންކަމުން 2024 ވަނަ އަހަރު އެމްޓީސީސީގެ ފައިދާ ވަނީ 53.6 އިންސައްތަ ދަށްވެފައެވެ.



އެ ކުންފުންޏަށް 2023ގައި އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާއިންނެވެ. މިއީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާކުރާ ދާއިރާއެވެ. އަގޮތުން މިދިޔަ އަހަރު މި ދާއިރާއިން އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 37 އިންސައްތައަށް ދަށްވެފައެވެ. 

1981ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނު އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS