ޚަބަރު
ޔުމްނުގެ މައްސަލަ ތަޙުޤީޤުކުރި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ރައީސަށް އަރުވައިފި

ރިޔާސީ ކޮމިޝަން
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤް އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިންމައި، ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް އަރުވާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ނިންމައި ދެ ހަފްތާއެއްހާ ދުވަސްތެރޭ ރައީސަށް ހުށަހަޅާނެކަމަށް އެ ކޮމިޝަނުން ބުނެފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެ މުއްދަތުގެ ތެރޭގައި ކޮމިޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ތެރޭގައި، އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު އެގޭގައި އުޅުނު ގ. އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޒިލާލުއާ ބައްދަލުކުރުން ހިމެނެއެވެ. އަދި ކޮމިޝަނާ މަޢުލޫމާތު ޙިއްސާކުރުމަށް ޕޯޓަލެއް ޤާއިމުކޮށް އާއްމުންނަށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. މީގެ އިތުރުން، ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށްގެންނާއި ލިޔެކިޔުން މެދުވެރިކޮށް ކޮމިޝަނާ މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސިއެވެ.
އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، އެ މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންނާވެސް އެ ކޮމިޝަނުން ވަނީ ބައްދަލުކޮށްފައެވެ.
ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވަނީ، އިންސާފުވެރި ތަޙުޤީޤެއް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޭނާއަށް ނުވަތަ ކޮމިޝަނަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.