ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމް" ގައި ވާހަކަފުޅު ދައްކަވައިފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ނިއުޔޯކުގައި ބޭއްވުނު "މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ މަގު ތަފްޞީލްކޮށް ބަޔާންކުރައްވައިފިއެވެ.
އިންވެސްޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް މުޚާޠަބުކުރައްވަމުން ޑރ. ވަޙީދު ވިދާޅުވީ، ޖިއޮގްރަފީގެ ގޮތުން އެކަހެރިވެފައިވާ، ޤުދުރަތީ ވަސީލަތްތައް މަދު ކުޑަކުޑަ ޖަޒީރާ ޤައުމަކުން ދުނިޔޭގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ހާއްސަ ކަމާއި، ކެތްތެރިކަމާއި، މަޤްޞަދު ސާފުކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ވަޙީދު ފާހަގަކުރެއްވި ގޮތުގައި، 2008 ގެ މާލީ ހީނަރުކަމުގެ ފަހުން ބައިނަލްއަޤްވާމީ މުއައްސަސާތަކުން ދިވެހިރާއްޖެއަކީ ދުނިޔޭގެ ޝޮކްތަކަށް ވަރަށް ބޮޑަށް ހައްސާސް ޤައުމެއްގެ ގޮތުގައި ދެކުނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުން އަވަހަށް އަރައިގަތުމުގައި ދިވެހިރާއްޖެއިން ދައްކާފައިވަނީ ނަމޫނާއެކެވެ. މިއީ ހަމައެކަނި ރަނގަޅު ނަސީބެއް ނޫންކަމަށާއި، ދިވެހިންގެ ޚާއްޞަކަމާއި، ޢަޒުމާއި، މަޤްޞަދު ސާފުކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ވިޝަން 2040" ގެ ދަށުން، ދިވެހިރާއްޖެ މިހާރު މަސައްކަތް ކުރަމުންދަނީ އިޤްތިޞާދު ތަނަވަސްކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ. މި ވިޝަންގެ މަޤްޞަދަކީ ދިވެހިރާއްޖެ މިނިވަންވިތާ 75 އަހަރު ފުރޭއިރު ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ގެންދިއުމެވެ. މީގެ ތެރޭގައި އެއް ދާއިރާއަކަށް ބަރޯސާވެފައިވާ އިޤްތިޞާދަކުން ތަފާތު ދާއިރާތަކަށް ފުޅާވެފައިވާ، ވާދަވެރި އިޤްތިޞާދަކަށް ބަދަލުވުން ހިމެނެއެވެ.
ޑރ. ވަޙީދު ވިދާޅުވި ގޮތުގައި ސަރުކާރުން މާލީ ދާއިރާ އަލުން މާނަކުރުމަށް މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރޭގައި ޒަމާނީ ޤާނޫނީ އޮނިގަނޑަކުން ބާރުލިބިގެންވާ "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ" އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި އާބާދީ މަރުކަޒުތައް ތަރައްޤީކުރުމާއި، އެކްސްޕޯޓަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި މިއަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދު %5 އަށް ކުރިއަރާނެ ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ. އަދި ދިގު މުއްދަތުގެ އިސްތިޤްރާރު ކަށަވަރުކުރުމަށާއި އިތުބާރާއި ހާމަކަން ބޮޑު އިންވެސްޓްމަންޓް މާޙައުލެއް އުފެއްދުމަށް މާލީ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ވަޙީދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ މިހާރު އަމާޒު ހިފާފައިވަނީ މިނިވަންކަން ރައްކާތެރިކޮށް، ޤަދަރު ހިފަހައްޓައި، އަންނަން އޮތް ޖީލުތަކަށް ބާރުވެރިކަން ދޭ އިޤްތިޞާދެއް ބިނާކުރުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އޭޝިއާގެ އެންމެ ހުޅުވާލެވިފައިވާ އަދި ވާދަވެރި އިންވެސްޓްމަންޓް މާރކެޓްތަކުގެ ތެރެއިން އެއް މާރކެޓް ކަމަށްވާތީ، މިއީ ސްޓްރެޓީޖިކް ފުރުޞަތެއްގެ ގޮތުގައި ދެކުމަށް ފޯރަމްގެ ބައިވެރިންނަށް ގޮވާލެއްވިއެވެ.
ޑރ. ވަޙީދު ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހިރާއްޖޭގެ ކުރިއެރުމުގެ ދަތުރުގައި ބައިވެރިވުމަށް ބައިނަލްއަޤްވާމީ ބައިވެރިންނަށް ދަޢުވަތު ދެއްވަމުންނެވެ.