ޚަބަރު
ކައުންސިލަރުންނަށް ޚާއްޞަ ޚަޠީބުކަމުގެ ކޯހެއް ފަށަނީ

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ފޮޓޯ: އިންޓަރނެޓް
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކައުންސިލަރުންނަށް އަމާޒުކޮށްގެން ޚަޠީބުކަމުގެ ޚާއްޞަ ކޯހެއް ފެށުމަށް ހަމަޖެހިއްޖެއެވެ. މި ކޯހުގައި 50 ފުރުސަތު ހުޅުވާލާފައިވާއިރު، ކޯސް ކުރިއަށްދާނީ އޮންލައިންކޮށެވެ.
މި ކޯހަކީ 15 ހަފްތާގެ މުއްދަތަށް ކުރިއަށްދާ ކޯހެއް ކަމަށާއި، މި ކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެން ކައުންސިލަރުންނަށް ކަމަށް ޤުރުއާނާބެހޭ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ. ކޯހުގެ ކިޔެވުންތައް ކުރިއަށްދާނީ ހަފްތާގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭ 20:30 އިން 22:30 އަށެވެ.
ކޯހަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ބަލާނެ މައިގަނޑު ދެ ކަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި، ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަމެވެ. މި ކަންކަން ވަޒަންކުރުމަށް މި މަހުގެ 29 އަދި 30 ވަނަ ދުވަހު އިންޓަވިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަރުކަޒުން ހާމަކޮށްފައިވެއެވެ.
ކޯހަށް ކުރިމަތިލާ ފަރާތްތަކުން ސީވީއާއި، އައިޑީ ކާޑުގެ ކޮޕީ، އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓް އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ކުރިމަތިލާން ޖެހޭނެއެވެ.