ޚަބަރު
ފުލުހުންނަށް ހުށައަޅާ މައްސަލަ ތަކުގެ އަދާހަމަ ނުލިބުމުގެ ޝަކުވާއަށް ހައްލުހޯދުމަށް ދަނީ މަސައްކަތްކުރެވެމުން: ސީޕީ ނަވީން

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމުގެ ޝަކުވާއަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ސީޕީގެ ވާހަކަފުޅުގައި ހުށައަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބެމުންދާ ޝަކުވާއެއް ކަމަށް ފާހަގަކުރައްވަމުން ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް މައުލޫމާތު ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްކަމަށްވެސް ނަވީން ވިދާޅުވިއެވެ.
"ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އެނގިގެންދިއުން ވަރަށް މުހިންމު. އިންވެސްޓިގޭޝަން ކަންކަން މިހާރު ވަރަށް ކޮމްޕްލެކްސްކޮށް މިއޮތީ. އެހެންވީމަ އެކަންކަން ރަނގަޅު ކުރުމަށް ޓްރެއިން ކުރުމާއި ރީޓްރެއިން ކުރުމާއި ސުޕަވައިޒަރސްގެ ސްކިލްސް ބިލްޑް ކުރުމަކީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް،" ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.
ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، އައު ކަންތައްތައް ތައާރަފުކުރުމުގެ ބަދަލުގައި މިހާރު ހިންގަމުންދާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް އިސްކަންދެއްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މިގޮތުން "އަވައްޓެރި ފުލުހުން" ޕްރޮގްރާމަކީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ ޕްރޮގްރާމްވެސް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ޤާނޫނީ ޒިންމާ އަދާކުރުމުގައި މިހާރަށްވުރެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.