Ads by Stelco

ޚަބަރު

ކޮނޑޭގައި ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

ކޮނޑޭގައި ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ބޭނުންވާ ބިން، ގއ. ކޮނޑޭ ކައުންސިލުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ހަވާލުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖޫން 2025، 04:53

16 ޖޫން 2025، 04:53

ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ބޭނުންވާ ބިން، ގއ. ކޮނޑޭ ކައުންސިލުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މިއަދު ހަވާލުކޮށްފިއެވެ.

 މި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އެ ވުޒާރާގެ އިސްވެރިންނާއި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޮނޑޭއަކީ ބިން ބޮޑު ރަށަކަށްވެފައި، މި މަޝްރޫޢު ހިންގުމަށް އެކަށީގެންވާ ރަށެކެވެ. މިހާރު މަސައްކަތް ކުރަމުންދަނީ މި މަޝްރޫޢު ހިންގުމަށް ބަޔަކު ހޯދުމަށް ކަމަށާއި، އެކަމަށް ވަރަށް އަވަހަށް އިޢުލާން ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި އިސްކަންދެވޭނީ މޭވާއާއި އާންމުކޮށް މީހުން ކައިއުޅޭ ތަކެތި ހެއްދުމަށެވެ. އަދި ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 "ވަރަށް ބޮޑު ފައިދާ ކުރާނެ. ފުދޭވަރެއްގެ ބިން ބޮޑުރަށެއް، ދަނޑުވެރިކަންވެސް ކުރާ ރަށެއް، މައިގަނޑު ބޭނުމަކީ އެރަށުގެ ދަނޑުވެރިންނާއި ގުޅިގެން އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދޭނެ އެއްޗިސްއާއި އަދި އާންމުކޮށް ކާންބޭނުންކުރާ ތަކެއްޗާއި އަދި ރާއްޖޭގައި އާލާކުރަން ބޭނުން ތަކެތި ހެއްދުން،" ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

118 ހެކްޓަރުގެ ބޮޑުމިން ހުރި ކޮނޑޭގައި އެގްރޯފޮރެސްޓްރީ ޕްރޮގްރާމްވެސް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ބިން ބޮޑެތި ރަށްތަކުގައި ދަނޑުވެރިކަން ކުރިއަރުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި އެއް ރަށަކީވެސް ގއ. ކޮނޑޭއެވެ. މިފަދަ ރަށްތަކުގައި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS