ޚަބަރު
ބްރޯޑްކޮމްއަށް ޒަމްޢަތު އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

ޒަމްޢަތު އަހުމަދު ވަޙީދު-
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ޒަމްޢަތު އަހުމަދު ވަޙީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިކަން ފާސްކޮށްފައިވަނީ، ބްރޯޑްކޮމްގެ ހުސްވެފައިވާ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހުގައެވެ.
މަޖިލީހަށް ފޮނުއްވަވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ޒަމްޢަތު އަހުމަދު ވަޙީދު މި މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްވެފައިވަނީ ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުންނެވެ. ޒަމްޢަތުގެ އިތުރުން ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މި މަޤާމަށް 5 ބޭފުޅުންނާ އިންޓަވިއު ކުރައްވާފައެވެ. އަދި އޭގެ ތެރެއިން 3 ބޭފުޅަކަށް ވަނީ %75 އަށްވުރެ މަތިން މާކްސް ދީފައެވެ. އެއީ، ޒަމްޢަތު އަހުމަދު ވަޙީދާއި، ޒީނާ ޒާހިރު އަދި ޝިމްލާ އަހުމަދެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު ހޯދުމަށް އިޢުލާނުކޮށްފައިވަނީ، އެ ކޮމިޝަނުގެ މެންބަރު އައިމިނަތު އަމީނާގެ މަގާމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވުމާއި ގުޅިގެންނެވެ. އެހެންކަމުން، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ 6 ފަރާތެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވަވާފައެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބެވި 6 މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރު އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ އާއި އަހުމަދު ރިޟްވާނުގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.