Ads by Stelco

ޚަބަރު

ރާއްޖޭގައި ލޭ ހޯދުމަށް އާއިލާތަކުން ގިނަ ދަތިތަކެއް ތަހައްމަލް ކުރަންޖެހޭ: ވަޒީރު ނާޒިމް

ރާއްޖޭގައި ލޭ ހޯދުމަށް އާއިލާތަކުން ގިނަ ދަތިތަކެއް ތަހައްމަލް ކުރަންޖެހޭ: ވަޒީރު ނާޒިމް

ލޭހަދިޔާ ކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ. ފޮޓޯ: ޞިއްޙީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 08:44

15 ޖޫން 2025، 08:44

ރާއްޖޭގައި ލެއަށް ބޭނުންޖެހޭ ވަގުތު ލޭ ބޭނުންވާ މީހާގެ އާއިލާތަކުން ގިނަ ދަތިތަކެއް ތަހައްމަލް ކުރަންޖެހޭކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ނާޒިމް މިހެން ވިދާޅުވީ، ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ނާޒިމް ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ބަލާއިރު، ކޮންމެ ޤައުމެއްގައިވެސް މަދުވެގެން 1 އިންސައްތަ މީހުންނަކީ ލޭ ހަދިޔާ ކުރާ މީހުންކަމަށެވެ. އަދި މިހާތަނަށް އައިއިރު ރާއްޖެއިން އެ މިންގަނޑާ ހަމައަށް އާދެވިފައި ނުވާކަމަށްވެސް ވަޒީރު ނާޒިމް ވިދާޅުވިއެވެ. 

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. 

 ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހެލްތު ޕްރޮފެޝަނަލުން ބިނާކުރުމާއި، އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމާއި، ބޭސްފަރުވާގެ އެހެނިހެން ކަންކަން ހަމަޖެހިގެންދާއިރު، ވަށާޖެހޭ ކަންކަމަށް ރިޢާޔަތްނުކޮށް ހާސިލްކުރަން އުޅޭ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ ދުވަހަކީ ލޭ ބޭނުންވެގެން މީހަކު އާދޭސް ކުރަން ނުޖެހޭނެ ދުވަހަކަށް ދިއުން ކަމަށާއި، އެކަމަށްޓަކައި މަސައްކަތް ކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ޒުވާން ދަރިވަރުންގެ މެދުގައި ލޭ ހަދިޔާކުރުން ޕްރޮމޯޓް ކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޙައްލެއް ހޯދުމަށް ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ޔޫނިއަންތަކާއެކު އެއްބަސްވުންތައް ވެވި، އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS