ޚަބަރު
ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅައިފައިވާ ފްލެޓް ތަކެއް. ފޮޓޯ: ޕީއެސްއެމް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވަން ފަށައިފިއެވެ.
އެޗްޑީސީގެ އޮފިޝަލެއް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، އެންމެ ފަހުން ގެނައި ބަދަލަކާ ގުޅިގެން، ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ކޮންމެ ތިން މަހަކުން "ޕޭމަންޓް އެޑްވައިސް" ނޯޓިހެއް ފޮނުވަމުން ގެންދާނެއެވެ. މި ނޯޓިހަކީ ކުލި ދެއްކުމަށް ނަސޭހަތްތެރިވެ ފޮނުވާ ނޯޓިހެކެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ފްލެޓު ލިބުނު ފަހުން އެއްގޮތަކަށްވެސް ކުލި ނުދައްކާ ފަރާތްތަކާއި، ގަވާއިދުން ކުލި ނުދައްކާ ފަރާތްތައް ހިމެނޭކަމަށް އެޗްޑީސީއިން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައިވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެއެވެ.
އެޗްޑީސީން ބަލަހައްޓަމުންދާ ހުޅުމާލޭގެ ހައުސިންގ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. މީގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން ގެންދަނީ 3،219 ފްލެޓުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކައެވެ. ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާނަމަ، ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދެއްކުމުގެ ސަބަބުން އަތުލާފައެއް ނުވެއެވެ.
މި ސަރުކާރުން ވަނީ އެކި ހައުސިންގ މަޝްރޫއުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދީފައެވެ.