ޚަބަރު
އެޗްޑީސީގެ އާ ސްޓްރެޓެޖިކް ޕްލޭން މިއަދު ލޯންޗްކޮށްފި

އައު ސްޓްޖެޓިކް ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ ސްޓްރެޓެޖިކް ޕްލޭން މިއަދު ވަނީ ރަސްމީކޮށް ލޯންޗްކޮށްފިއެވެ.
މި ޕްލޭނަކީ ހާމަކަން ބޮޑު ހިންގުމާއި، ރަނގަޅު ވެރިކަމާއި، އަދި ޒަމާނީ އުމްރާނީ ތަރައްޤީއަށް މަގުދައްކައިދޭނެ މުހިންމު ރޯޑްމެޕެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މި އާ ސްޓްރެޓެޖިކް ޕްލޭންގައި އެޗްޑީސީގެ ކުރިމަގުގެ ތަސައްވުރާއި، ކުންފުނީގެ މައިގަނޑު ލަނޑުދަނޑިތަކާއި، އަދި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ރޭވިފައިވާ ގޮތްތައްވެސް މި ޕްލޭންގައި ހިމެނެއެވެ.
އެޗްޑީސީގެ ފަރާތުން މި ޕްލޭން އެކުލަވާލުމުގައި ވަނީ ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ. މީގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުންނާއި، އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ ހިޔާލު ހިމެނެއެވެ.
މި ޕްލޭންގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި އެޗްޑީސީން ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ރާވާފައެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.