Ads by Stelco

ޚަބަރު

ވޭޕްގެ މައްސަލަތަކުގައި މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފި

ވޭޕްގެ މައްސަލަތަކުގައި މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 05:02

15 ޖޫން 2025، 05:02

ނިމިދިޔަ މޭ މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 35 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ޖޫރިމަނާކުރެވުނު ފަރާތްތަކުން ޖުމްލަ 130,000 ރުފިޔާ ހޯދާފައިވާކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މޭ މަހު ވޭޕް ބޭނުންކުރުމުގެ މައްސަލައިގައި 13 މީހަކު 53,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ވޭޕް ގެންގުޅުމުގެ މައްސަލައިގައި 20 މީހަކު 67,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެއިތުރުން ވޭޕާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ދެ މީހަކު 10,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޤާނޫނުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖެއް ފޮނުވައި، ވާރު ޕޭގެ ޕޭމަންޓް ލިންކެއް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އާންމުން ފުރިހަމައަށް އަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ޚިދުމަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS