ޚަބަރު
މަސްވެރިންނަށް މިމަހުގެ މިހާތަނަށް 25 މިލިޔަން ރުފިޔާ ދޫކޮށްފި

ދިވެހި މަސްވެރިއެއް. ފޮޓޯ: ޒުވާން މަސްވެރިޔާ އެކްސް
ޖޫން މަހުގެ މިހާތަނަށް މަސްވެރިންނަށް 25 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ 2 ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ ޖުމްލަ ފައިސާއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މި ދޯނިތަކުން ކިރުވި މަހަށް ފުރަތަމަ ހަފުތާގައި، 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މޭ މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ.
ނަމަވެސް، ޖޫން މަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ. މިގޮތަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ދެވަނަ ހަފްތާގެ 3 ދުވަސް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ދިމާވުމާ ގުޅިގެން މަސް ނުކިރުވުމެވެ. މި ހަފްތާގައި 111 ދޯންޏަކުން މަސްކިރުވާފައިވާއިރު، 8.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މަސްވެރިންގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. މީގެ ތެރޭގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމާއި، އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ބީއެމްއެލް މެދުވެރިކޮށް އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު މަސްވެރިންނަށް ވަނީ ފަހިކޮށްދީފައެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، މި ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.