ޚަބަރު
އޮގަސްޓު 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމުގައި ރައީސް ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަހަށް ވާތީ ކަމަށެވެ. އެހެންކަމުން، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސް ކަމަށް ރައީސް ޤަބޫލުފުޅުކުރައްވާކަމަށް އެ ދެންނެވުމުގައި ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.