ޚަބަރު
އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމާގުޅޭ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި

ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސް އަލްޕްއަރްސްލާން ބައިރަކްތާރް އާއި ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ޚާރިޖީ ވުޒާރާ
އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސް އަލްޕްއަރްސްލާން ބައިރަކްތާރް އާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އަންކާރާގައި ހުންނަ ތުރުކީގެ މިނިސްޓްރީ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސްގައި ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް ތުރުކީ ސަރުކާރާ ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ އެޓާޝޭ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.